ނިމިދިޔަ ހަފުތާ ބަންދުގައި ކުރިއަށްގެންދިޔަ، ޤުރްއާން ކިޔެވުމުގެ 33 ވަނަ މުބާރާތް ނިމުމާއެކު މި ދިރާސީ އަހަރު ރޫޙީ ކުލަބުން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ނަތިޖާ ފާޅުކޮށްފިއެވެ.
މިކަމަށް ޙާއްސަކުރެވިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި، ޤުރްއާން މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުންނާއި އެކުލަބުން ކުރިއަށް ގެންދިޔަ ރަންތާޖު އަދި ނޫރުއްޞަލާތު ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންގެ އަގުވަޒަންކޮށްފައި ވެއެވެ.
ރަންތާޖު ޕްރޮގްރާމަކީ ޤުރްއާން ހިތުދަސްކުރުމަށް ބާރުއެޅުމުގެ ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނުބަލައި ކިޔެވުމުގެ މުޤައްރަރަށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމް 12 ދަރިވަރުން ފުރިހަމަކޮށްފައިވާއިރު، ނަމާދުގައި ކިޔާ ޛިކުރުތަކާއި ދުޢާތައް ހިތުން ދަސްކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދެވުނު ނޫރުއްޞަލާތު ޕްރޮގްރާމް ޖުމްލަ 24 ދަރިވަރުންވަނީ ފުރިހަމަކޮށްފައެވެ.